މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް ޖުމްލަ 1،797،060 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު "ޑެއިލީ އަޕްޑޭޓްސް" ރިޕޯޓުގައިވާ ގޮތުން، ރާއްޖެ ޒިޔާރަތްކުރި މީހުންގެ ތެރެއިން 1،762،751 މީހުންނަކީ ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިންނެވެ. މީގެއިތުރުން ވިޔަފާރި ދަތުރުތަކުގައި 17،248 މީހުން އަދި ކްރޫޒް ދަތުރުވެރިންގެ ގޮތުގައި 17،061 މީހުން ރާއްޖެ އެތެރެވި ކަމަށް ރެކޯޑުތަކުން ދައްކައެވެ.

މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،911 މީހުންނެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 2.9 ޕަސެންޓްގެ ދަށްވުމެކެވެ. 2025 ގެ އޮކްޓޫބަރުގެ ނިޔަލަށް 1،851،429 ފަރާތެއް ޒިޔާރަތްކުރި އިރު، 2024 ގެ މި މުއްދަތުގައި އައިސްފައި ވަނީ 1،683،543 ފަތުރުވެރިންނެވެ.

ނިމިދިޔަ އޮކްޓޫބަރު މަހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ 17 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 8،621 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މީހުން އައީ 24 އޮކްޓޫބަރުގައި އެއީ 8،154 ފަތުރުވެރިންނެވެ. އަދި 25 އޮކްޓޫބަރުގައި 7،639، 10 އޮކްޓޫބަރުގައި 7،241، 18 އޮކްޓޫބަރުގައި 7،192 އަދި 22 އޮކްޓޫބަރުގައި 7،155 ފަތުރުވެރިން އައިސްފައި ވެއެވެ. އޮކްޓޫބަރު މަހު އެންމެ މަދުން ފަތުރުވެރިން އައީ 5 ވަނަ ދުވަހުއެވެ. އެއީ 4،284 ފަތުރުވެރިންނެވެ.

ރާއްޖެ ފަތުރުވެރިން އެތެރެވެފައިވާ ބަނދަރުތަކަށް ބަލާއިރު، 99.1 ޕަސެންޓް މީހުން އެތެރެވީ ވައިގެ މަގުންނެވެ. އޭގެ ތެރެއިން 97.9 ޕަސެންޓް މީހުން ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެއީ 1،759،343 މީހުންނެވެ. މީގެއިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން 6،354 މީހުން، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 5،796 މީހުން، ހަނިމާދޫ އެއާޕޯޓުން 3،696 މީހުން، މާމިގިލީ ވިލާ އެއާޕޯޓުން 3،349 މީހުން އަދި ދާލު އެއާޕޯޓުން 1،461 މީހުން ވަނީ އެތެރެވެފައެވެ. ކަނޑުގެ ބަނދަރުތަކުން އެތެރެވީ 17،061 މީހުންނެވެ.

ފަތުރުވެރިން ހުރުމަށް ހިޔާރުކުރި ތަންތަނުގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ރިޒޯޓުތަކެވެ. އެގޮތުން 74.0 ޕަސެންޓް ފަތުރުވެރިން ރިޒޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ގެސްޓްހައުސްތަކުގައި 381،605 މީހުން ވަނީ ހިމެނިފައެވެ. ހޮޓާތަކުގައި 39،539 މީހުން އަދި ސަފާރީ އުޅަނދުފަހަރުގައި 33،999 މީހުން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 ގައުމުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެ ގައުމުން 331،817 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި 256،822 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެއީ 135،897 ފަތުރުވެރިންނެވެ. ލިސްޓުގެ ދެން ހިމެނެނީ ޖަރުމަނު، އިޓަލީ، އިންޑިއާ، އޮސްޓްރޭލިއާ، އެމެރިކާ، ފްރާންސް އަދި ސްޕެއިން އެވެ. މީގެ ތެރެއިން ފާހަގަކޮށްލެވެނީ 2025 ވަނަ އަހަރުގެ 11 ވަނައިގައި އޮތް އޮސްޓްރޭލިއާ މިއަހަރުގެ 7 ވަނައަށް ކުރިއަށް ޖެހިލާފައިވާ ކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކާއެކު، އަހަރުގެ ފަހު ދެ މަހުގައި ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.