ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ކުރިއަށް އޮތް ފިލްމު "ލަސްވިޔަސް" ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފިއެވެ.

ފިލްމުގެ 64 ޝޯ ދައްކަން އޮލިމްޕަސް މިހާރުވެސް ބުކްކޮށްފައިވާއިރު މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާކުރާނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމުގެ ޓިކެޓް ބުކްކުރެވޭނީ ފިލްމުގެ ޓިކެޓް ބުކްކުރަން ހަދާފައިވާ ހާއްސަ ވެބްސައިޓް، ލަސްވިޔަސްޑޮޓްކޮމް މެދުވެރިކޮށެވެ. ޓިކެޓްގެ އަގަކީ 160ރ އެވެ. ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ މި ފިލްމުގެ ޓްރެއިލާގެ ކޮންމެ މަންޒަރަކުން ވެސް ފެންނަނީ އަޖައިބެވެ. ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔަ މަންޒަރުތައް ވަރަށް ޗާލެވެ. ފިލްމު އެހާ ހިތްގައިމު ވާނެ ކަން ޔަގީނެވެ. ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާފައިވާއިރު އެ ހުރިހާ ރަހަތަކެއް ފިލްމުގެ ޓްރެއިލާއިން ވެސް ފެނިގެންދިޔައެވެ.

މަޝްހޫރު ފިލްމު ދެރިޔާ، އަމާނާތް، ހުޅުކޮޅު އަދި ބިތުފަންގި 2 ވެސް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރު ޓެޑްރީ އަކީ ގައުމީ ފެންވަރުގައި އެންމެ މޮޅު ޑައިރެކްޓަރު، ސްކްރީންޕްލޭ ރައިޓަރު އަދި ޕްރޮޑިއުސަރުގެ އެވޯޑުވެސް ހޯދާފައިވާ ކުޅަދާނަ ތަރިއެކެވެ. ޓެޑްރީ ޓޯކީސް އިން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮޑަކްޝަން ހައުސް އަކީ އެޓާނަލް ޕިކްޗާސް އެވެ. ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަންއެވެ. އޭގެ އިތުރުން އަހުމަދު އީސާ (އާނަންދު) އަދި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ. ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުން ފެނިގެންދާއިރު އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. އަދި ޒޯޔާ ކުޅޭނީ ހަމްރާ ކެރެކްޓާއެވެ.