ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ފުރޭތަ" ގެ އާ ޓްރެއިލާއެއް ދައްކާލައިފިއެވެ.

މި މަހު ހަތަރު ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ފަހު ޓްރެއިލާ އާންމުކޮށްފައިވާއިރު ޓްރެއިލާ އިން ފެންނަ ގިނަ މަންޒަރުތައް ވަރަށް އަނިޔާވެރިއެވެ. ތަޅާފޮޅުންތަކާއި ލޭ އޮހޮރުވުން ޓްރެއިލާއިން ފެނިގެން ދެއެވެ. ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް 200 ރުފިޔާ އަށް އުޅޭއިރު އެހެނިހެން ރޭތަކުގެ ޓިކެޓް އުޅެނީ 150 އަށެވެ. އޮލިމްޕަސް ކައުންޓަރުން ފިލްމުގެ ޓިކެޓް ގަންނަން ލިބެން ހުރިއިރު ކައުންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށެވެ. މި ފިލްމުގެ ޝޯގެ ތާވަލެއް މިހާރު ނެރިފައިވާއިރު ހުކުރު ދުވަހު (މާޗު 8) ގައި ފިލްމުގެ ދެ ޝޯއެއް އަޅުވާނެއެވެ. އެއީ ހަވީރު 16:00 ގެ އިތުރުން ރޭގަނޑު 21:00 ގައެވެ.

"ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރި ޝަރަފް އަބްދުﷲއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ.

ޑާކްރެއިނުން މިދިޔަ އަހަރު ވަނީ ދެ ފިލްމެއް އޮލިމްޕަހަށް ގެނެސްދީފައެވެ. އެއީ ބީވީމާ އަދި ނޮވެމްބާ އެވެ. މިއަހަރު ވެސް އެ ކުންފުނިން ދެ ފިލްމެއް އޮލިމްޕަހަށް ގެންނާނެ ކަމަށް ލަފާކުރެވެއެވެ. ޑާކްރެއިންގެ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު ރިލީޒްކުރާއިރު "ބަޅިނދު" ވެސް މި އަހަރު ފަހުކޮޅު ރިލީޒްކުރާނެކަމަށް ބެލެވެއެވެ.