އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށް "ފަށާ މަދަދު" އަދި "ފަށާ މަދަދު ލީސިން"ގެ ނަމުގައި ލޯން ސްކީމް ތައާރަފުކޮށްފިއެވެ.

މިއީ ކޮންވެންޝަނަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސިންގް ހޯދުމުގެ ދަތިތަކާއި ކުރިމަތިވެފައިވާ އަންހެން ވިޔަފާރިވެރިންނަށް އަލަށް ފެށުމަށް ނުވަތަ މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފައިނޭންސިންގް ހަމަޖައްސާދިނުމުގެ މަގްސަދުގައި ފެށި ހިދުމަތެކެވެ.

ފަށާ މަދަދު ލޯން ސްކީމްގެ ދަށުން 100،000 ރުފިޔާއާ 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި 12 މަސް ލިބޭއިރު، ލޯނު ދައްކުމަށް 7 އަހަރުގެ މުއްދަތެއް ލިބިގެންދެއެވެ. އަދި އިންޓަރެސްޓުގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 6 ޕަސަންޓެވެ.

އަދި ފަށާ މަދަދު ލީސިންގެ ދަށުން 10،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރާނެއެވެ. ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭއިރު، ލޯނު ދައްކަން ލިބޭނީ ފަސް އަހަރު ދުވަހެވެ. އިންޓަރެސްޓުގެ ގޮތުގައި 8 ޕަސަންޓު މި ލޯނުގެ ދަށުން ނަގާނެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށްވާއިރު ލޯން ދޫކުރަން ފަށާނީ މި މަހުގެ 3 ވަނަ ދުވަހުން ފަށައިގެންނެވެ. އެސްޑީއެފްސީ އިން ބުނި ގޮތުގައި ލޯން އަށް ހުށަހެޅޭނީ އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށެވެ.