އެސްޑީއެފްސީގެ ވިޔަފާރި އެހީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

އެސްޑީއެފްސީއިން ބުނީ މެދުކެނޑުމެއްނެތި 1 އަހަރަށްވުރެ ގިނަ ދުވަހު ވިޔަފާރި ކުރަމުން ގެންދާ ފަރާތްތަމަށް މި ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އެސްޑީއެފްސީގެ ވިޔަފާރި އެހީ ލޯނުގެ ދަށުން ގިނަވެގެން 1،500،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށް އެސްޑީއެފްސީއިން ބުނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑްއެއް ލިބިގެންދާނެ ކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.

އެސްޑީއެފްސީއިން ބުނީ ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެެން 5 އަހަރު ދުވަހުގެ މުއްދަތު ދޭނެ ކަމަށާއި އެެޕްލިކޭޝަން ހުށަހަޅާނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން ލޯނަށް އެދި ހުށަހަޅަން ބިޒްނަސް ޕްލޭނެއް ތައްޔާރުކުރަން ނުޖެހޭނެ ކަމަށް އެސްޑީއެފްސީއިން ބުނެއެވެ. އަދި ލޯނަށް އެދި ހުށަހެޅުމަށްޓަކައި ތައްޔާރުކުރަންޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ ޓެމްޕްލޭޓްސްތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން، ބޭންކްތަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ނަގާފައިވާ ލޯނުތަކަށާއި ފައިނޭންސިން ފެސިލިޓީތަކަށް ވޭތުވެދިޔަ 12 މަސްދުވަހުގައި މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކާފައިވޭތޯ ބެލުމަށް އެސްޑީއެފްސީއިން ވަނީ އިލްތިމާސްކޮށްފައެވެ.