ސައުދީ ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ލޯނު ނަގައިގެން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލުމަށް އެޅި ބްރިޖުތައް ހުޅުވައިފިއެވެ.

"ހުޅުމާލެ އައިލެންޑް ޕްރޮޖެކްޓު"ގެ ނަމުގައި ކުރިއަށްދިޔަ މި މަޝްރޫއު ތެރޭގައި ހިމެނެނީ ހުޅުމާލެ އާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ގުޅުވާލަ ދޭ ހަތަރު ބްރިޖް ގާއިމްކުރުމާއި ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދާއި ޓޫރިޒަމް ޒޯން ގުޅާލާ ބްރިޖް ގާއިމު ކުރުމެވެ.

ބްރިޖުތައް ހުޅުވުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކުގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު މި ރަސްމިއްޔާތުގައި ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރްޝިދު އާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، މި ހަތަރު ބްރިޖަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އަދި އެކި ބޭނުންތަކުގައި ގޮސްއުޅޭ މީހުންނަށް ދަތިކަމެއް ނެތި ދަތުރުކުރެވޭ ގޮތަށް އޮތް ރަނގަޅު ފާލަންތަކެއް ކަމަށެވެ. އަދި ޓޫޒިޒަމް ޒޯނާއި މީހުން އުޅޭ ސަރަހައްދާ ދެމެދު ގުޅާލާ ފަސްވަނަ ބްރިޖަކީ ވެސް އެސަރަހައްދުގެ ކުރިއެެރުމަށާ ދަތުރުފަތުރަށް އޮތް ފަސޭހައެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ހުޅުމާލެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖެއް / ފޮޓޯ: އެޗްޑީސީ

ސައުދީ ފަންޑުން 80 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ.

ސައުދީ ފަންޑުން މިފަދަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުން އަންނައިރު، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ވެސް މި ފަންޑުން މިއަދު ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖައްސައިދީފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާއިރު، މި މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަައި ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕާ ހަވާލު ކުރި މަޝްރޫއެކެވެ. ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.

މިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ. އެގޮތުން ކުވައިތު ފަންޑު، އަބޫ ދާބީ ފަންޑު، އޯޕިޑް، އަދި ސައުދީ ފަންޑުން ވަނީ ފައިސާ ހަމަޖައްސާދީފައެވެ. މި ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 7 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.