އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ހަދާ 9 އެޕާޓްމަންޓެއްގައި ލިފްޓު ހަރުކުރަން އެސްޓީއޯއާ ހަވާލު ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ހަދަމުން ގެންދާ 9 އެޕާޓްމަންޓް ކޮމްޕްލެކްސް އަށް ބޭނުންވާ 46 ލިފްޓު އިންސްޓޯލް ކުރާނެއެވެ.

އަދި އެޕޯލޯއިން ހަދާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް، އިންސްޓޯލް ކުުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ކޮންމެ ޓަވަރެއްގައި މަދުވެގެން 5 ލިފްޓު ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އަކީ ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގުބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ" ގެ ޑިސްޓްރިބިއުޓަރެވެ. އަދި މި ލިފްޓު ތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނޭ ލިފްޓު ތަކަކަށް ވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި ކޯނޭ ލިފްޓު ހަރުކޮށް ދީފައެވެ.