ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަން މަސައްކަތް ކުރި ވަގުތު އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަދި އެ ސީންގައި ހަރަކާތްތެރިވި ފުލުހުންނާއި އާއިލާއަށް އިންޒާރު ދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފިއެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 1:20 ހާއިރު ހުޅުމާލެ ފޭސް 1 އިން ޓްރެފިކް ގަވައިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑުގައި ފޭސް 2 އަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެއަށް ފަހު ހުޅުމާލެ ފޭސް 2 ގެ އެޗް-11 ފްލެޓް ކައިރިން އެ ސައިކަލު ހުއްޓުވައި ސައިކަލު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އެ ސަރަހައްދުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަދި އެތަނުގައި ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާއަށް ނިސްބަތްވާ ގޮތަށް އިންޒާރު ވެސް ވަނީ ދީފައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އެކި ދުވަސް މަތިން ކޯޓު އަމުރެެއްގެ ދަށުން މިހާރު 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 21 އަހަރުގެ ދެމީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ.
މި މީހުންގެ ތެރެއިން 21 އަހަރުގެ ދެމީހުންނާއި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން ނެވެ. މީގެ ތެރެއިން 21 އަހަރުގެ އެކަކު ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްތްރޭޓް ކޯޓަށް ހައްޔަރު ކުރި މީހުން ހާޒިރު ކުރުމުން އެ ކޯޓުން ވަނީ 21 އަހަރުގެ އެކަކު 2 ދުވަހަށް ދެން ތިބި ދެ މީހުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ބަންދު ޖަހައިދީފައެވެ.
މީގެ އިތުރުން މި މައްސަލައިގައި ހައްޔަރު ކުރި 26 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ލ. ގަމުން ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގަމު މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރު ކުރުމުން ވަނީ 30 ދުވަހުގެ ބަންދެއް ޖަހާފައެވެ. އެއީ 30 ދުވަސް ވަންދެން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ޝަރުތުކޮށް ޖަހާފައިވާ ބަންދެކެވެ. ނަމަވެސް ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނު ކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.