ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ކަމުގައި ވިޔަސް، ތިން ދުވަހު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހިދުމަތް ދޭނެ ކަމަށް ބުނެފިއެވެ.

އެ ޑިޕާޓްމަންޓުން ދެމުންގެންދާ ހިދުމަތްތަކުގެ ގަޑިތަކަށް ރޯދަ މަހު އަންނާނެ ބަދަލުތައް ހިއްސާކޮށް ހޯމްލޭންޑް މިނިސްޓްރީއިން ބުނީ ރޯދަ މަހުގެ ރަސްމީ ދުވަސްތަކުގައި އަދި ރޯދަ މަހުގެ ރަސްމީ ބަންދު ދުވަސްތަކުގައި ކާޑު ދޫކުރާނީ ކިއުބީއިން ނަންބަރެއް ނަގައިގެން ހެނދުނު 9:15 އިން 11:30 ހަމައަށް ކަަމަށެވެ.

އެ ވަގުތުގެ ތެރޭގައި ދޫކުރާނީ 150 ނަންބަރު ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިނިސްޓްރީއިން ބުނީ ރޯދަ މަހުގެ ފަހު ދިހައިގެ ތެރެއިން އޭޕްރީލް 1، 3 އަދި 8 ވަނަ ދުވަހު އެ ޑިޕާޓްމެންޓުން ހެނދުނު 9:15 އިން 11:30 އަށް 150 ނަންބަރު ދޫކުރާނެ ކަަމަށެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއަކާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށެވެ. އަދި ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ނަންބަރަށް ގުޅައިގެން ހިދުމަތް ލިބޭނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.