އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިނުލެއްވި ސަބަބު، ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ވަގުތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ސާފުކޮށްދެއްވައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗްކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ފަހުން، އެމްޑީޕީގެ ޓިކެޓުގައި 19 ވަނަ މަޖިލީހަށް ވާދަކޮށް އިންތިހާބުވި ބައެއް މެންބަރުން އެ ޕާޓީ ދޫކޮށް ދިއުމުން ޕާޓީގެ ހަރަކާތްތައް މަޑުޖެހުނު ކަމަށެވެ.
ސޯލިހު ވިދާޅުވީ، އެހެންވެ އެމްޑީޕީގެ މެންބަރުންގެ އަމާޒަކަށްވީ އެ ޕާޓީގެ އިސްސަފުގައި ގިނަ މެންބަރުން ހިމެނިގެން މަސައްކަތްކުރާނެ މާހައުލެއް ހޯދުން ކަމަށާއި، ޕާޓީގެ ލީޑާޝިޕުން އެކަމަށް ބުރަ މަސައްކަތްކުރި ކަމަށެވެ. އަދި އެމްޑީޕީގެ އާ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމަކީ ކުރިއަށް ދާން ލިބުނު 'އިތުރު ހިތްވަރެއްގެ' ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"މި ޕާޓީ އަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ކުރިއަށް ނިކުމެ، އަނެއްކާ ވެސް ތަރުތީބުކޮށްލުމަށް އަޅުގަނޑަށް ކުރެވެން ހުރި ކަމެއް އަޅުގަނޑު ކުރާނަމޭ،" ސޯލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބު އެމްޑީޕީ އަށް ވަރަށް މުހިންމު ކަމަށާއި، އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ޕާޓީގެ ލީޑާޝިޕް އޮތީ އެއް ވިސްނުމެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު ޕްރައިމަރީން ނާކާމިޔާބުވި މެންބަރުންގެ ކިބައިން ސޯލިހު އެދިވަޑައިގަތީ ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންގެ ފަހަތަށް އަރާވަޑައިގެން އެ ކެންޑިޑޭޓުން ހޮވައިދިނުމަށް މަސައްކަތްކުރުމަށެވެ.
ރޭގެ ޖަލްސާގައި ސޯލިހު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މަސްވެރިންނަށް ދޮގު ހަދައިފި، ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް އޮޅުވާލައިފި، ޕްރޮޖެކްޓުތައް ހުއްޓާލައިފި، ސިޔާސީ ވަޒީފާ އިންތިހާ އަށް އިތުރުކޮށްފި، ހާރިޖީ ގުޅުންތައް ގައުމުތަކާ ކެނޑި ބާކީވަމުން މިއަދު މި ދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިއީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭ ސަބަބު ކަމުގައި ވެސް ސޯލިހު ވިދާޅުވިއެވެ.