އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފޮނުވި ބިލް ތަސްދީގު ނުކުރައްވާ، ރައީސް އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ވަނީ އެ ބިލް މަޖިލީހަށް ރައީސް ފޮނުއްވާފައިވާކަމަށާއި އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެންފައިވާކަން ހާމަކޮށްފައެވެ. އަދި މިއީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކުރެއްވި ކަމެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މަޖިލީހުގެ ބިލް ތަސްދީގުނުކޮށް ރައީސް މަޖިލީހަށް އަނބުރާ ފޮނުވާލެއްވި ސަބަބުތަކެއް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން:
- މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުމުން ކަމަށާއި މިއީ ކޮންމެހެން އާއްމުކުރަން ނުޖެހޭ ވަރަށް ބޮޑު ޒާތީ މައުލޫމާތެއް ކަމަށްވުން.
- ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެފައި އޮތުމާއި ނަމަވެސް މި ހާލަތުގައި އިންތިހާބު އޮންނަ ތާރީހު ބަދަލުކުރަން ބޭނުންވަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތު އިސްކޮށްފަ ކަމަށްވުން
- އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހް ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށްވުން
- އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ "ފޯކަލް ޕޮއިންޓް" ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން، ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.
- ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާކަމެއް ނިންމަން ޖެހުން. ނަމަވެސް އިންތިހާބު އޮންނަ ތާރީހު ރޯދައިގެ ފަހަށް ބަދަލުކޮށްފި ނަމަ އިންތިހާބުގެ ހުރިހާ ކަންކަން އެ މުއްދަތުގެ ތެރޭ ނިންމާނުލެވުމުގެ ފުރުސަތު އޮތުން ހިމެނެއެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލު ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އަށް ފޮނުވަން ޖެހެ އެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަންޖެހޭއިރު އެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
އަދި ބިލް ތަސްދީގު ނުކުރައްވާ ނަމަ، 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެއެވެ. އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ ބިލެއް ރައީސް ތަސްދީގުކުރަން ލާޒިމް ވާނެއެވެ.