ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް "ހިޔާވެހި ޕޯޓަލް" ގެ ނަމުގައި ޕޯޓަލްއެއް ހަދައިފިއެވެ.

މި ޕޯޓަލަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކުރުމާއި، ހައުސިން ސްކީމްތަކަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހެޅުމުގެ އިތުރުން ބޯހިޔާވަހިކަމާއި ގުޅުންހުރި ޝަކުވާ ވެސް ހުށަހެޅޭނެއެވެ.

މީގެއިތުރުން ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއ،ި ރަޖިސްޓްރީ ކުރުމާއ،ި އެފަރާތްތަކުގެ މައުލޫމާތު ރައްކާކުރުންވެސް މި ޕޯޓަލް މެދުވެރިކޮށް ކުރިއަށް ދާނެއެވެ. އަދި ހައުސިން އާ ގުޅޭ "ހައުސިން ނީޑްސް އެސެސްމަންޓް" ކައުންސިލްތަކާ ގުޅިގެން ހެދުމުގެ މަސައްކަތް ވެސް ޕޯޓަލްއިން ކުރެވޭނެއެވެ.

މި ޕޯޓަލް އަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ސްކީމް ހުށަހެޅުމުން އެޕްލިކޭޝަން ދަރަޖަ ކުރެވިގެން ދާނެއެވެ. ހައުސިން މިނިސްޓްރީން ބުނީ ކުރިމަގުގައި ސަރުކާރުން އެކުލަވާލާ ބޯހިޔާވެހިކަމުގެ މަޝްރޫތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުތައް ދެން ފޯރުކޮށްދޭނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި ބޯހިޔާވަހިކަމުގެ ޕޯޓަލް އަކީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނިފައިވާ ރައީސްގެ ވައުދުފުޅެކެވެ. މި ޕޯޓަލް އަށް ވަދެވޭނީ އީފާސް މެދުވެރިކޮށް https://hiyaavehi.housing.gov.mv/ އަށް ލޮގިން ވުމަށްފަހުއެވެ.