ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލެ ފޭސް 1 ގައި ތަރައްގީކުރާ 182 ހައުސިން ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް، ކޮންކްރީޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތްކުރަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

މިއީ ހުޅުމާލެ ފޭސް 1 ގައި ބީއެމްއެލްއިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 364 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ ބައެކެވެ.

ބީއެމްއެލްއިން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި މިވަގުތު 3,260 ހައުސިން ޔުނިޓް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން:

  • ހުޅުމާލެ ފޭސް 1: 364 ހައުސިން ޔުނިޓް

  • ހުޅުމާލެ ފޭސް 2: ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރާ 1,224 ޔުނިޓާއި، އިތުރު 1,190 ޔުނިޓް

  • ވިލިމާލެ: ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރާ 300 ހައުސިން ޔުނިޓް

މި ހުރިހާ ހައުސިންގ ޔުނިޓްތަކެއް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި މި މަޝްރޫއުގެ ދަށުން އިތުރު 740 އެޕާޓްމަންޓް ތަރައްގީކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

ކުލި ދައްކަމުން ގޮސް މިލްކުވާ އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާ މި ފްލެޓްތަކަކީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އާންމު ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އިސްނަގައިގެން ކުރިއަށްގެންދާ ތާރީހީ މަޝްރޫއެކެވެ.