ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، އެޕްލިކަންޓުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލުތަކުން މިނިސްޓްރީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލައި ޗެކްކުރަމުންދާ ކަމަށެވެ. އެގޮތުން މައުލޫމާތުގައި އެއްވެސް ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގަމުން ގެންދާނެ ކަމަށެވެ.

އަދި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދޭ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ކޮންމެ އެޕްލިކަންޓަކަށް ވެސް ލިބޭނެއެވެ. ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތައް، ފޯމު ފުރުމުގައި ބޭނުންކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ވަނީ އަންގާފައެވެ. އަދި ފާހަގަކުރެވޭ މައްސަލަތަކަށް ޖަވާބު ހުށަހަޅަންވާނީ ހަމައެކަނި "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީމެއިލް ނުވަތަ ސިޓީ ފަދަ އެހެން ވަސީލަތްތަކުން ފޮނުވާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ދޫކުރުމަށް ހަމަޖެހިފައިވާ 7،900 ފްލެޓުގެ ތެރެއިން 4،000 ފްލެޓު ހާއްސަކޮށްފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ކަނޑައަޅާފައިވާއިރު، ބާކީ 2،400 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާ ހާއްސަ ކެޓަގަރީތަކަށެވެ.