ކުރިއަށް އޮތް ރަމަޟާން މަހުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ނަމަ، އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރާނެ ކަމުގެ އިޝާރާތެއް އިދިކޮޅު އެމްޑީޕީން ކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވިދާޅުވީ، ރަމަޟާން މަހު މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އެމްޑީޕީން ތާއީދުނުކުރާ ކަމަށާއި، އާންމުންގެ ހިޔާލު ހުރިގޮތުން ރަމަޟާން މަހުގެ ދުވާލު ވަގުތުގައި ވޯޓުލުމުގެ ކަންކަމުގައި އާންމުން އުޅެން ބޭނުންނުވާ ކަން ހާމަވާ ކަމަށެވެ.

"ވަރަށް ގިނަ މީހުން އެކަމަށް ނޫން ބަސް ބުނަމުން ދަނިކޮށް މަޖުބޫރީ ހާލަތެއްގަ އަޅުގަނޑުމެން އިންތިހާބަށް ތައްޔާރުވަމުންދާ ތަން މި ފެންނަނީ، އެކަމުގަ އުޅޭ މުވައްޒަފުންގެ ހައްގުތަށް ވެސް އެބަ ގެއްލޭ، ވޯޓުލާން ޖެހޭ މީހުންގެ ހައްގުތައް ވެސް އެބަ ގެއްލޭ، ކެންޑިޑޭޓުންގެ ހައްގުތައް ވެސް އެބަ ގެއްލޭ،" އާންމުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، އިންތިހާބުތައް ރަމަޟާން މަހާ ދިމާވާ ނަމަ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބުތައް ބާއްވަން ލާޒިމްކުރާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށާއި، މި މަހުގެ 28 ގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލައިފިނަމަ އަމާޒަކީ ބޮޑު އަޣުލަބިއްޔަތަކުން ދެވަނަ ފަހަރަށް އެ ބިލު ފާސްކޮށް، ތަސްދީގުކުރުމަށް އަލުން ފޮނުވާލުން ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ދެވަނަ ފަހަރަށް މަޖިލީހުން ބިލު ފޮނުވުމުން ވެސް ރައީސް އެ ބިލު ތަސްދީގުނުކުރައްވާ ނަމަ، މަޖިލީހުން ދެން މިކަމުގައި އޮޅުންފިލުވާނީ އިލެކްޝަންސް ކޮމިޝަނުގެ ވިސްނުން ހުރި ނެތް ގޮތެވެ.

"ދެ ފަހަރަކަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަކި ގޮތަކަށް ކަންކުރަން ފާސްކުރީމާ އެއީ ނެތް ކަމެއް ކަމަށް ހަދާފަ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމުގައިވަނީ ނަމަ އޭގެން ދޭހަވަނީ ރައްޔިތުންގެ ބާރު ކެނޑުނީ ކަމަށް،" އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފަ އޮތް ގާނޫނަކަށް އަދި ގެޒެޓުނުކުރައްވައޭ ވިދާޅުވެ، ތަސްދީގުނުކުރައްވައޭ ވިދާޅުވެ އެއީ ނެތް ކަމެއް ކަމަށް ހައްދަވާފަ، މިހާރު ކަނޑައަޅާފަ އޮތް ރޯދަ މަހުގެ ތާރީހުގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ވަޑައިގަންނަވާކަމަށް ވަނީ ނަމަ، ދެން އަޅުގަނޑުމެނަށް ޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، އެކަން ކުރަން ޖެހުނަސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،"
އަހްމަދު ސަލީމް | މަޖިލީހުގެ ނައިބު ރައީސް

ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ލާޒިމްކުރާ ގޮތަށް ގެނައި އިސްލާހުގެ ބިލު އަވަހަށް ތަސްދީގުކުރުމަށް ގޮވާލައި މި ފަހުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްވެސް ކޮށްފައި ވެއެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މައްސަލައިގައި ވަނީ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ހުރިހާ ޕާޓީތަކުގެ މެންބަރުން އެ ބިލު ފާސްކުރަން ނިންމީ އާންމުންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަން ފާހަގަކުރައްވައިފައެވެ.

ނަމަވެސް މި ފަހުން ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ދެއްކެވި ބައެއް ވާހަކަފުޅުން، މަޖިލީހުގެ އިންތިހާބު ބާއްވަން އަދި ނިންމާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދަން އެމަނިކުފާނު ބޭނުންފުޅުވާކަން ދޭހަވެއެވެ.