"މަގޭ ސާފު ރާއްޖެ" ގެ ނަމުގައި ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހަވީރު މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.

މި ޕްރޮގްރާމުގެ މައިނގަޑު މަގުސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށްރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމުގެ އިތުރުން ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް ހިމެނެއެވެ.

މީގެއިތުރުން ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައިވެސް ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް މީހުން ތަމްރީނު ކުރުމާއި ކުނިބުނީގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުވުންވެސް ހިމެނެއެވެ.

މި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ ރައީސްގެ ވައުދެކެވެ. މި ޕްރޮގްރާމުގެ ދަށުން ކުނި ނެގުމަށް ހާއްސަ 48 އުޅަނދެއް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވާފައެވެ.