ކުނިން ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި، ކުނި އުފެދޭ ސަބަބުތަކުން ފެށިގެން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށްޓަކައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ މުއާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އަންތާލިޔާގައި ބޭއްވި "ހައި-ލެވެލް މީޓިންގް އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި އެކި ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި "ޒީރޯ ވޭސްޓް" ހަރަކާތް ހިންގެވުމަށް އެމިނޭ އުރުދުޣާން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި، މި އެލަޔަންސްގެ އަމާޒުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން މެޑަމް ސާޖިދާ ހާމަކުރެއްވިއެވެ.

ރާއްޖެފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމުތަކުން އުފުލަންޖެހެނީ އެހެން ގައުމުތަކުގައި އުފައްދައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ކުނީގެ ބުރަ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އުފެއްދުންތެރިންގެ ޒިންމާއަކީ ހަމައެކަނި މުދާ ވިއްކުމާ ހަމައިން ނިމޭ ކަމަކަށް ވެގެންނުވާނެ ކަމަށާއި، މުދާ ބަންދުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރުމާއި، އާ ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން ކުނި މަދުކުރެވޭނެ އިގްތިސާދަކަށް (ސާކިއުލާ އިކޮނޮމީއަކަށް) ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިވާންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން އަޅަމުންދާ ޤާނޫނީ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކުނި ނައްތާލުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެ އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަނެތި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

ހަމައެއާއެކު، ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގައި އިސްނަގާނެ ޖީލެއް ބިނާކުރުމަށްޓަކައި ކުޑަކުދިން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ހަގީގީ ބަދަލަކީ ގޭތެރެއިން ފެށިގެން، ސްކޫލްތަކުގެ ތެރެއިން މޫލައި، މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވާންޖެހޭ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

"ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަސައްކަތްތައް ރަސްމީ ހައިސިއްޔަތަކުން ފެށިގެން ދިޔައީ މި ބައްދަލުވުމުގެ ތެރެއިންނެވެ. މިއީ 2017 ވަނަ އަހަރު ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް، ސަރުކާރުތަކާއި އދ.ގެ އިދާރާތައް އަދި ބައިނަލްއަޤްވާމީ ފަރާތްތައް ގުޅިގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.