75 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމު ކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށް ގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން، މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ، އާރުޑީސީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ކުނި މެނޭޖް ކުރާނޭ ނިޒާމެއް ގާއިމު ކޮށްދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.

މި ވައުދުފުޅާ އެކު މިދިޔަ ހަފުތާގެ ތެރޭގައި 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިއްޔެ ހަވާލު ކުރެވުނު 75 ރަށާއި އެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ގާއިމު ކުރުން ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައި ވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިޕްރޮގްރާމްގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމު ކުރެވޭ 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި މިފަދަ އިންސްޓްރަކްޗާ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމު ކުރެވިފައިވާ ކަމަށެވެ. ނުވަތަ އެރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެމަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށާއި ޕްރޮކިއުމަންޓް މަރުހަލާގައި ހުރި ރަށްތައް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ރޭވިފައި ވާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރު ފަހު ކުއާޓާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށްރަށުގައި ގާއިމު ކުރެވޭ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާ، ކުނި އުފުލާނެ އުޅަނދުތައްވެސް އެފަދަ ތަކެތި މިހާރު ފޯރުކޮށްދެވިފައި ނުވާ ރަށްރަށަށް މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.