ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މިއަދު މެންދުރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަފުއްޓަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ތިލަފުށީ ކުނި މެނޭޖުކުރުމުގެ މަޝްރޫއުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ. އެގޮތުން މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒުކުރެވިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ކައިރި ރަށްރަށުން ކުނި ނެގުމާއި ކުނި އުފުލައި ނައްތާލުމަށެވެ. މީގެއިތުރުން ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް އެޅުމާއެކު ކުނީގެ ގޮތުގައި ބާ އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީ ކުރުމަށްވެސް މި ފިޔަވަހީގެ ދަށުން ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ދާނީ ކުނިން ހަކަތަ އުފެއްދުމާއި އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ކަމަށެވެ. އެގޮތުން ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް ތިލަފުށީގެ ޒަމާންވީ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަގައްޔަރުކަން ކުޑަކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ޒިޔާރަތުގައި ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައްވެސް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަލުން ފަށާފައިވާއިރު ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދައެވެ. އަދި 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައިވާކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ރައީސް އޮފީހުން ބުނީ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މިހާރު ކުނި ޖަމާ ކުރާ ސަރަހައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު 1 ދުވަހުން 1 ގަޑިއިރަށް ކުޑަކުރެވިފައި ވާކަމަށާއި، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަހައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތުވެސް 3 ދުވަހުން، 5 ގަޑިއިރަށް ކުޑަކުރެވިފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއަކީ ރާއްޖޭގެ ކުނި މެނޭޖުކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.