ނުރައްކާތެރި ކުންޏާއި ކެމިކަލް އެކްސްޕޯޓުކުރާ ސެންޓަރެއް ރ. ވަންދޫގައި އަޅަން ނިންމައިފިއެވެ.

އެންވާރަމެންޓް މިނިސްޓްރީން ބުނީ މި މަސައްކަތް ވީ އަވާ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުުގައި އެންވާރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އެންވާރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދެވެ. އަދި އަވާ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖާ ޝަދީން އިބްރާހިމެވެ.

އެންވާރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއު ވީ އަވާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10 މަސްދުވަސް ތެރޭ ނިންމާ އެންވާރަމެންޓް މިނިސްޓްރީ އާއި ހަވާލުކުރާ ގޮތަށް ކަމަށެވެ.

އެންވާރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު ވިދާޅުވީ މި ފެސިލިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް 4 ބަޔަކަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެއީ ލިތިއަމް ބެޓެރިއާއި، އަލިފާން ނިއްވާ ފުޅި، ޓޮކްސިކް ކުނި އަދި ޕްރެޝާ ވެސެލް ކަމަށް ހައްސާން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން އޮފީސް ބަޔަކާއި ކުނި ރައްކާކުރާ ބައެއްގެ އިތުރުން ރިސައިކަލްކުރަން ހާއްސަ ބައެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހައްސާން ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ފުރަތަމަ ނުރައްކާތެރި ކުންޏާއި ކެމިކަލް ނައްތާލާ ފެސިލިޓީއެއް ގާއިމުކޮށްފައިވަނީ އައްޑޫގައެވެ. މިއީ 1.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.