އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗް މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމަފިއެވެ.
އުރީދޫއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުންނަމަ އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެކަމަށެވެ. އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ހިއްސާދާރުންނަށް ކަމަށް އުރީދޫއިން ބުނެއެވެ. މި އަހަރުގެ ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 5 މާރިޗުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނިއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރި ވުމުގެ އިތުރުން ހުސްވި އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި ފެށޭ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މި ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން ފިޔަވައި، އެހެން ހުރިހައި އެޖެންޑާ އައިޓަމަކަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލެވޭނެއެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން، މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑްއެލްއެލްސީ އަށް ހަތް ޑިރެކްޓަރުން، ބޯޑަށް އައްޔަންކުރުމުގެ ބާރު ލިބިދީފައިވާތީ، އެޖެންޑާ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރަން ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނީ ހަމައެކަނި ވަތަނިއްޔާއަށެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށައެޅޭނެއެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ، "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށައަޅަންޖެހޭނެއެވެ.
ރަޖިސްޓަރ ކުރުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓަރ ކުރެވޭނެއެވެ. ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް އިން ލިބޭނެއެވެ.
ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ސެންޓްރަލް ޕާކަށް ގޮސް ރަޖިސްޓާ ކުރުމަށް އުރީދޫއިން ވަނީ އެދިފައެވެ. ރެޖިސްޓާ ކުރާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއްނަމަ ޕާސްޕޯޓު ބޭނުންވާނެއެވެ.