ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ވަގުތު ހެނދުނު 10 ޖަހާއިރަށް ބަދަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް، މިއަދު 9:15 ވަންދެން މަޑުކުރެއްވުމަށް ފަހު ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށި މި ލަސްވަނީ ކޯރަމް ހަމަނުވާތީ ކަމަށާއި، ކޯރަމް ހަމަވާ ވަރަށް މެންބަރުން އަދި ހާޒިރުވެވަޑައިނުގަންނަވާ ކަމަށެވެ.

ނަމަވެސް އެ ވަގުތު ހާޒިރުވެވަޑައިގެންނެވީ ކިތައް މެންބަރުންނެއް ކަން ސަލީމް ވިދާޅެއްނުވެއެވެ.

ސަލީމް ވިދާޅުވީ، މަސައްކަތްކުރައްވަމުން މި ގެންދަވަނީ 10 ޖަހާއިރު ޖަލްސާ ފެށުމަށް ކަމަށާއި، މިކަމުގައި މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުންގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ ޖުމްލަ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން، މަޖިލީހުގެ މެންބަރުންގެ އަދަދު 80 އަށް ތިރިވުމުން، މިހާރު ކޯރަމް ހަމަވާނީ 20 މެންބަރުން ހާޒިރުވެވަޑައިގަތުމުންނެވެ.