ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމަށް އަހްމަދު ޒުހޫރު އައްޔަން ކޮށްފިއެވެ.

ހ. މާބަނޑޭރިއާގެ އަހްމަދު ޒުހޫރު، އެ މަގާމަށް އައްޔަންކޮށްފައި ވަނީ އިއްޔެއެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ އިސް މަގާމުތަކެއް ފުރުއްވާފައެވެ.

އެގޮތުން ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަމުގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.

އަދި ހަމައެހެންމެ ޒުހޫރު ވަނީ ހެލްތް މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުވެސް އަދާ ކުރައްވާފައެވެ. އޭނާ އެންމެ ފަހުން އަދާކޮށްފައި ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަން ކުރެއްވިއިރު އެ ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައި 8 ބޭފުޅުން ތިއްބަވައެވެ. އަދި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވަމުންދަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ފަޒުލް ރަޝީދެވެ.

ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެޗްޑީސީގެ ނަން ވަނީ އާބަންކޯގެ ނަމަށް ބަދަލުކޮށްފައެވެ. ނަމަވެސް ކުންފުނީގެ ނަން ރީބްރޭންޑްކުރިތާ އަހަރެއް ނުވަނީސް މި ސަރުކާރުން ވަނީ އަލުން އެޗްޑީސީގެ ނަމަށް ބަދަލު ކޮށްފައެވެ.