ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި އަންގާފައިވާ ފަރާތަށް އައިޑީ ކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނީ އެގޮތަށް ހަމަޖައްސާފައި ވަނީ ރައްޔިތުންނަށް ލުއިފަސޭހަކޮށް ކާޑު ނެގޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.

ޑީއެރްއާންއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ފެށިގެން ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި ބަޔާންކޮށްފައިވާ ފަރާތަށް، ކާޑު ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތަށް ކާޑު ދޫކުރި ކަމުގައިވީ ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު، ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމެންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާނެ ކަމަށް އެ ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ.

އައިޑީކާޑްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތި އެހެން ފަރާތަކަށް އައިޑީކާޑު ދޫކުރުމަށް އަމަލު ކުރަމުން އައި އުސޫލު އުވާލާފައި ވަނީ ރިޔާސީ އިންތިހާބާ ގުޅިގެންނެވެ.