އައިޑީކާޑު ގެއްލިފައި ނުވަތަ މުއްދަތު ހަމަވެފައި ވިޔަސް ކާކު ކަން އަންގައިދޭނެ ލިޔުމަކާއެކު ހިދުމަތްދޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ހިދުމަށް ދޭނީ އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މިދިޔަ ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ

އެ ޑިޕާޓްމަންޓުން ބުނީ މި ނިންމުން ނިންމީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް މެދުކަޑާލާފައިވާތީއެވެ. އެގޮތުން، އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.

އެގޮތުން މިއީ މި މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

އައިޑީކާޑު ނެތުމުން އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެން ފެށުމުގެ ސަބަބުން، ޑީއެންއާރުން ކުރިން ވަނީ ޖޫން 30ގެ ނިޔަލަށް، އައިޑީކާޑު ނެތް އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި ވީނަމަވެސް ހިދުމަތް ދިނުމަށް އަންގާފައެވެ. އަދި އެ މުއްދަތު އިތުރުކޮށް ޖުލައި މަހުގެ ނިޔަލަށް ހިދުމަތްތައް ދިނުމަށް އަންގާފައިވާއިރު، އެ ޑިޕާޓްމަންޓުން މިހާރު ވަނީ އޮގަސްޓްމަހުގެ ނިޔަލަށް ހިދުމަތްތައް ދިނުމަށް އަންގާފައެވެ.