މި މަހުގެ 30 ވަނަ ދުވަހަށް މުއްދަތު ހަމަވާ އައިޑީ ކާޑާއި އަދި އަލަށް 18 އަހަރު ފުރޭ ޒުވާނުންނަށް އައިޑީކާޑު ހެދުމަށް ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވަލައިފިއެވެ.

ޑީއެންއާރް އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން ސެޕްޓެމްބަރު 30 ގެ ނިޔަލަށް މުއްދަތު ހަމަވާ އައި.ޑީ ކާޑާ އަދި އަލަށް 18 އަހަރު ފުރިގެން ހައްދާ އައި.ޑީ ކާޑުތައް ސެޕްޓެމްބަރު 21، 2023 ވަނަ ދުވަހުގެ 14:00 ކުރިން ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުން އެ އިދާރައިން ވަނީ އައިޑީކާޑް ހެދުމަށް ޑީއެންއާރު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ޑިޖިޓަލް އައިޑީކާޑު އަދި އީފާސް ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަ ގުޅިގެން ގިނަ ބަޔަކު ވަނީ އައިޑީކާޑް އާ ކުރަން ހުށަހަޅާފައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގައި ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވެނީ މުއްދަތު ހަމަ ނުވާ، ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑު (އައިޑީކާޑު)، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓް ކާޑު އަދި ޑްރައިވިން ލައިސަންސްގެ ތެރެއިން ކޮންމެވެސް އެކައްޗެއްގެ އަސްލެވެ.