ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހެދުމަށް ނަގާ ފީ ބޮޑުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވަނީ އިއްޔެއިން ފެށިގެން ކާޑުގެ މައުލޫމާތު ބަދަލުވެގެން ހައްދާނަމަ ނަގާ އަގު ބަދަލުވެފައި ވާކަމަށް ބުނެފައެވެ. މީގެ ކުރިން މައުލޫމާތު ބަދަލުވެގެން ނަގަމުން އައި 50 ރުފިޔާގެ ބަދަލުގައި ދެން ނަގާނީ 150 ރުފިޔާއެވެ.

ކާޑުގެ މައުލޫމާތު ބަދަލުވެގެން އަލުން ކާޑު ހެދުމަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކު ހޯދަމުން އަންނަ ހިދުމަތެކެވެ.

ޑީއެންއާރް އިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މުޅިން އަލަށް ހެދުމަށް އެއްވެސް ފީއެއް ނުނަގައެވެ. އެހެންނަމަވެސް އެހެން ހިދުމަތްތަކަށް އަގު ނަގައެވެ، އާ ކާޑެއް ހައްދާނަމަ 150 ރުފިޔާ އަދި ކާޑުގެ ސޮއި ބަދަލުވެގެން ހަދާނަމަ 150 ރުފިޔާ ނަގައެވެ. މީގެ އިތުރުން ކާޑު ގެއްލިގެން އަލުން ހައްދާނަމަ 250 ރުފިޔާގެ ފީއެއް ނަގައެވެ.

އައިޑީ ކާޑު ހެދުމަށް މިހާރު އޮންލައިންކޮށް އެޕްލައިކުރެވޭ ގޮތަށް ހަދާފައި ވާއިރު އައިޑީ ކާޑުގެ އަގުތައް ދެއްކޭނީ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.