ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ފުރޭތަ"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފިއެވެ.

ޑާކްރެއިނުން ބުނީ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަސް ކައުންޓަރުން ގަންނަން ލިބޭނެ ކަމަށާއި ކައުންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް ކަމަށެވެ. ޕްރިމިއާ ނައިޓެއްގެ ޓިކެޓް 200 ރުފިޔާއަށް އުޅޭއިރު އެހެނިހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 150 ރުފިޔާއަށެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

މި ފިލްމުގެ ޓްރެއިލާވެސް މިހާރު އާންމުކޮށްފައިވާއިރު މި ފިލްމުގެ ޓްރެއިލާއަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ތަރި ޝަރަފް އަބްދުﷲއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ.

ޑާކްރެއިނުން މިދިޔަ އަހަރު ވަނީ ދެ ފިލްމެއް އޮލިމްޕަހަށް ގެނެސްދީފައެވެ. އެއީ ބީވީމާ އަދި ނޮވެމްބާ އެވެ. މިއަހަރު ވެސް އެ ކުންފުނިން ދެ ފިލްމެއް އޮލިމްޕަހަށް ގެންނާނެ ކަމަށް ލަފާކުރެވެއެވެ. ޑާކްރެއިންގެ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު ރިލީޒްކުރާއިރު "ބަޅިނދު" ވެސް މި އަހަރު ފަހުކޮޅު ރިލީޒްކުރާނެކަމަށް ބެލެވެއެވެ.