ހައިކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ހާއްސަ މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ.

އެ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކުރަމުންދާ ހާއްސަ މަސައްކަތްތައް ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމުމަށް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑީގެ ބޭރުންވެސް މަސައްކަތް ކުރާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

"2017-2020 ވަނަ އަހަރުގެ ނިޔަލަށް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކޮންމެ ދުވަހަކުވެސް ރަސްމީގަޑީގެ ފަހުން 14:15 ގައި އެ މައްސަލަތަކަށް ހާއްސަ ސްލޮޓެއް ވަނީ ކަނޑައަޅާފައި" އެ ކޯޓުން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

ހައި ކޯޓުގައި އިސްތިއުނާފު މައްސަލަތައް ނުނިމި، ދިގުލައިގެންދާ މައްސަލައަކީ މީގެ ކުރިންވެސް ދިމާވަމުންދާ މައްސަލައަކަށްވާއިރު އެ މައްސަލަތައް ދިގު ދެމިގެންދާތީ މީގެ ކުރިން ބައެއް ވަކީލުން ވެސް ކަންބޮޑުވުން ފާޅޫކޮށްފައެވެ.

ހައިކޯޓުގެ މި ނިންމުމުގެ ސަބަބުން ބެކްލޮގްގައި ހުރި މައްސަލަތައް އަވަހަށް ނިންމުމުގެ ފުރުސަތު ފަހި ވެގެންދާނެއެވެ.