މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޕީއެލްއިން ބުނީ އަންނަ މަހުގެ 6 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ޕޯޓްސް އެންޑް ހާބާސް (އައިއޭޕީއެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެން ކަމަށެވެ.

ރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ގައުމަކަށްވާއިރު މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ބައިނަލްއަގްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެކެވެ.

އެމްޕީއެލްއިން ބުނީ އެ ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުން ކަމަށެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ބުނީ މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަގްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށެވެ.

އެ ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެ ކަމަށާއި މެރިޓައިމް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.