ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އިލެކްޝަނުން ކުރި އިއުލާނެއްގައި ވަނީ ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފޮއްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 18، 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން ފެބްރުއަރީ 19، 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލާކަމަށެވެ.

މީގެ އިތުރުން އީސީ އިން ބުނީ ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު"ގައި ކަމަށެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އީސީ އިން ބުނީ ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ކަމަށެވެ. އަދި ކޮމިޝަނުގެ އީމެއިލް އެޑްރެސްއަށް ފޯމު ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު ދަރުބާރުގެއިން ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

އަންނަ މަހު 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން މިހާރު ނިންމާފައިވީ ނަމަވެސް، ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފުތާގައި ފާސްކޮށްފަ އެވެ. އެހެންނަމަވެސް އެ އިސްލާހު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގެއްނުކުރައްވައެވެ.