މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު ގެ ދަށުން ކައުންސިލްތަކަށް ދޫކުރާ 25 ފަޅުރަށަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު މޯލްޑިވްސް ލޭންޑް އެންޑް ސަވޭ އޮތޯރިޓީ އިން ކުރި އިއުލާނުގައި ވާ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކަކީ

- ހދ.ފަރިދޫ، ހދ.ހިރިނައިދޫ

- ށ.ނަރުރިނބިދޫ، ށ.މިގޫދޫ

- ނ.ދީފުރަމް، ނ.އިނގުރައިދޫ

- ރ.ހިބޫދޫ، ރ.ހުޅުދޫ، ރ.ނެޔޮ

- ބ.މާއްޑޫ، ބ.ދަކަންދޫ

- މ.މާހުރާ

- ފ. މަކުނުއެރި

- ދ. ފެންފުށި، ދ.މިނިމަސްގަލި

- ތ.ފެންމީރުފުށި، ތ.ކަކޮޅަސް

- ލ.ކަނޑަރު، ލ.ބޮޑުމާބުޅަލި

- ގއ.ވިލިގަލާ، ގއ.މުނަންދުވާ

- ގދ.މާނައިދޫ، ގދ.ވާރެޔަދުވާ، ގދ.ލޮނުދޫ، ގދ.އާކިރަހުއްޓޫ

ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތްތަކަށް އަދި ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް، ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭގޮތަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ.

މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލް ހުށައެޅުމުން ވަޒަން ކުރުމަށް ފަހުގައެވެ. މި އުސޫލުގައިވާ ގޮތުން ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެއެވެ.