މީގެ މަހެއްހާ ދުވަސް ފަހުން ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ 381 ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުހަމަވާ 372 ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒުގައެވެ. އެކަމަކު އޭގެ ތެރެއިން ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށް، 'އެކްސް'ގައި ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުގައި ވެއެވެ. އެއީ:

  • އެމްޑީޕީން މުލަކު ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
  • ޕީއެންސީން ގައްދޫ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
  • ޑިމޮކްރެޓުންގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
  • އަމިއްލަގޮތުން ކިނބިދޫ ދާއިރާ އަށް ކުރިމަތިލެއްވި ކެންޑިޑޭޓު
މަޖިލިސް އިންތިހާބު 2024 ގެ ބައެއް ތަފާސްހިސާބު

ހަބީބް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ފޯމުތައް ބެލުމަށް ފަހު، ޝަރުތު ހަމަނުވާތީ ނުވަ ކެންޑިޑޭޓަކު ހުށަހަޅާފައިވާ ފޯމުތައް ބަލައިނުގަންނަ ކަމަށެވެ.

އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ތަމްސީލުކުރަނީ ޑިމޮކްރެޓުން، އެންމެ މަދީ ޕީއެންސީން:

ހަބީބް އާންމުކުރެއްވި ތަފާސްހިސާބުތަކުގައި ވަކިވަކި ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނިސްބަތް ވެސް އާންމުކުރައްވާފައިވެއެވެ. އެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޑިމޮކްރެޓުންގެ ފަރާތުންނެވެ. އެގޮތުން ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާ ޖުމްލަ 39 ކެންޑިޑޭޓުންގެ ތެރެއިން 12 ކެންޑިޑޭޓުންނަކީ އަންހެން ކެންޑިޑޭޓުންނެވެ. އެއީ 30.8 ޕަސެންޓެވެ.

ޑިމޮކްރެޓުންގެ ފަރާތުން އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރާއިރު، ސަރުކާރު ތަމްސީލުކުރާ ޕީއެންސީން ކުރިމަތިލީ 89 ކެންޑިޑޭޓުންގެ ތެރެއިން އަންހެން ކެންޑިޑޭޓުން ވާދަކުރަނީ ދެ ދާއިރާއަށެވެ. އެއީ 2.2 ޕަސެންޓެވެ.

ޕާޓީތަކުން އަންހެން ކެންޑިޑޭޓުން ދެން ތަމްސީލުވާ ގޮތަށް ބަލާލާއިރު، ޖުމްހޫރީ ޕާޓީން ދެ އަންހެން ކެންޑިޑޭޓުން އަދި މައި އިދިކޮޅު ޕާޓީ އެމްޑީޕީން ހަ އަންހެން ކެންޑިޑޭޓުން ވާދަކުރެއެވެ. މަޖިލީހުގެ އިންތިހާބުގައި ދެން ވާދަކުރާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި އެމްއެންޕީން އެއްވެސް އަންހެން ކެންޑިޑޭޓަކު ވާދައެއް ނުކުރެއެވެ.