ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފީޗާ ފިލްމު "ފުރޭތަ" ގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފިއެވެ.

އަންނަ މަހު ހަތަރު ވަނަ ދުވަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލްކޮށްފައިވާ މި ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓެއް 200 ރުފިޔާއަށް އުޅޭއިރު އެހެނިހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 150 ރުފިޔާ އަށެވެ. ޑާކްރެއިނުން ބުނީ 9911229 އަށް މެސެޖުކޮށްގެން ޓިކެޓް ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާނެކަމަށެވެ. އެ ކުންފުނިން ބުނީ ޓިކެޓް ބޭނުންވާ ދުވަހާއި ޓިކެޓުގެ އަދަދު އަދި ކޮންޓެކްޓް ކުރާނެ ފަރާތެއްގެ މައުލޫމާތު ޖެހުމަށްފަހު އެ ނަންބަރަށް މެސެޖު ކުރުމުން ޓިކެޓް އެދުވަހަށް ލިބެން އޮތްނަމަ ވަގުތުން ޓިކެޓް ދޫކުރާނެ ކަމަށެވެ. އަދި މި މަހު 25 ވަނަ ދުވަހުން ފެށިގެން ކައުންޓަރުން ފިލްމުގެ ޓިކެޓް ވިއްކަން ފެށުމުން ފިލްމުގެ ޓިކެޓް ބަލާ އައުމުން ޓިކެޓް ލިބިގެންދާނެ އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. "ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

ޑާކްރެއިނުން މިދިޔަ އަހަރު ވަނީ ދެ ފިލްމެއް އޮލިމްޕަހަށް ގެނެސްދީފައެވެ. އެއީ ބީވީމާ އަދި ނޮވެމްބާ އެވެ. މިއަހަރު ވެސް އެ ކުންފުނިން ދެ ފިލްމެއް އޮލިމްޕަހަށް ގެންނާނެ ކަމަށް ލަފާކުރެވެއެވެ. ޑާކްރެއިންގެ ފުރަތަމަ ފިލްމު "ފުރޭތަ" އަންނަ މަހު ރިލީޒްކުރާއިރު "ބަޅިނދު" ވެސް މި އަހަރު ފަހުކޮޅު ރިލީޒްކުރާނެކަމަށް ބެލެވެއެވެ.