20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެމްޕެއިން ސްޕޯކްސްޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހަމަޖައްސައިފިއެވެ.

އެކަން ދަ ޑިމޮކްރެޓްސްއިން ވަނީ އިއުލާން ކޮށްފައެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި 41 ދާއިރާއަކަށް ވާދަކުރަން އީސީއަށް ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި އެ ޕާޓީގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވެފައިވާ އިރު، ޖުމްލަ 381 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށް ކުރިން ކަނޑައަޅާފައިވާ ތާރީހު އަދި ބަދަލުކޮށްފައެއް ނުވެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މީގެ ކުރިން ވިދާޅުވީ ތާރީހު ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށްވެސް އީސީއިން ތައްޔާރުވެފައިވާ ކަމަށެވެ.