ގުޅިފަޅު ޕްރިޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު އަދި މާލީ ގޮތުންވެސް ދެކޮޅު ނުޖެހޭ ޕްރޮޖެކްޓެއް ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓުވަން ހައިކޯޓުން ކުރި އަމުރު ސްޕްރީމް ކޯޓުން ހިފަހައްޓައިިފިއެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި މިއަދު ބުނީ، ހ. ޝޭޑީކޯނަރު ހުމައުދާ އަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަގުތީ އަމުރެއް ނުދިނުމުން އޭނާގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއެކު އެ ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވާ ކަމަށެވެ.

ހައިކޯޓުގެ އަމުރުގައި އެ ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ދެން، ގުޅިފަޅު ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫގެ ބިން ހިއްކުމާ ގުޅޭ އެންމެހައި މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ކުރިއެވެ. އެ އަމުރު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައި އޮތީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީއެވެ.

އެއާއެކު ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ހައިކޯޓުގެ އަމުރާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަމުރު ކޮށްފައެވެ.

ސްޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައި ވަނީ، ހައިކޯޓުގެ އަމުރާ ގުޅިގެން ހުކުމް ތަންފީޒު ކުރުން ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް ފެންނަ ކަމަށެވެ. އެހެން ކަމުން ވަކިގޮތަކަށް އަމަލު ކުރަން ސްޕްރީމް ކޯޓުން އަންގަންދެން ނުވަތަ އެ ކޯޓުން ގޮތެއް ކަނޑައަޅަން ދެން ހައިކޯޓުގެ އަމުރު ހިފަހައްޓާ ކަމަށެވެ. ނުވަތަ ތަންފީޒު ކުރުން ހުއްޓުވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ދިމާވެފައި ވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ހިންގާ ބިން ހިއްކުމުގެ އެ މަޝްރޫއު މިހާރު ވަނީ ގާތްގަނޑަކަށް 80 ޕަސެންޓް ނިމިފައެވެ. މަސައްކަތުގެ އެއްބަސްވުން އޮންނަ ގޮތުން އެއްވެސް ފަރާތެއްގެ އިހުމާލަކުން މަސައްކަތް ހުއްޓިފައި އޮންނަ ނަމަ ބަދަލު ދޭން ޖެހޭނެއެވެ.

ހައިކޯޓުން އެ ޕްރޮޖެކްޓް ހުއްޓުވި އިރު ގިނަ ކަންކަމަށް ރިޔާއަތް ކޮށްފައި ވެއެވެ. އެގޮތުން، އެ ޕްރޮޖެކްޓުގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައި ވެއެވެ.

އަދި އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ހައިކޯޓުން ބުނެއެވެ. އަދި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް ހައިކޯޓުން ބުނެއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލުމަށެވެ.

ނަމަވެސް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަން ޖެހޭ ކަމެއް އެ މައްސަލާގައި ނެތް ކަމަށެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ ތިމާވެށްޓަށް ގެއްލުން ލިބޭ މަޝްރޫއުއެއް ނަމަ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް އެކަން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ މެދު މިނިސްޓަރު ނިންމި ނިންމުމެއް ނެތި ކޯޓުން އެފަދަ މައްސަލަތައް ބެލުމަކީ ތަރުތީބު އޮޅިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުގެ އިތުރުން މާލެ ސަރަހައްދުގައި 65،000 މީހުންގެ އާބާދީއަކަށް އަމާޒު ކޮށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ރަސް މާލެ އާއި ހުޅުމާލެ ފޭސް 3 ވެސް ދަނީ ހިއްކަމުންނެވެ.