ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުން މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

"ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް މިހާރު ބަދަލު އައިސްފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މި ފަރާތްތަކާއި އަދި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައި ޖޫން، 4 2024 ގައި މިނިސްޓްރީއިން ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން މި މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:-

- 1250 އަކަފޫޓުގެ 669 ގޯތި

- 1650 އަކަފޫޓުގެ 1234 ގޯތި

- 2050 އަކަފޫޓުގެ 916 ގޯތި

- 2450 އަކަފޫޓުގެ 473 ގޯތި

- 2850 އަކަފޫޓުގެ 158 ގޯތި

- 3250 އަކަފޫޓުގެ 49 ގޯތި

- 3650 އަކަފޫޓުގެ 21 ގޯތި

ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ މި މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އިތުރަށް މިނިސްޓްރީން ބުނީ ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައިޑީކާޑްގެ ކޮޕީ އަކާއެކު ހާޒިރުވުމަށް އެދިފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށެވެ.