މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އެގްރިމަންޓް ބާތިލުކޮށް އެ ފަޅު ސަރުކާރުން ހިއްކާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، ބޯ ހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ އެންމެ އިސްކަން ދޭ އެއް ސިޔާސަތަކީ ވެސް ބޯހިޔާވަހިކމަުގެ މަޝްރޫއުކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމުގެ ތެރެއިން ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރަން ނިންމިއެވެ. ނަމަވެސް އެ ސަރުކާރު ނިމިގެން ދިޔަ އިރު ވެސް މި ތަންތަން ހިއްކާ ގޯތި ދެވިފައެއް ނުވެއެވެ. ރައިސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިރު، ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގެ ތެރެއިން އެންމެ ލަސްތަކެއް އުޅޭ އެއް ޕްރޮޖެކްޓަކީ ގިރާވަރުފަޅު ހިއްުކުމުގެ މަސައްކަތެވެ. ރައީސް ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ އެގްރިމަންޓް ހަދާފައިވާ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ދައުލަަތަށް ލިބޭ ކަމަށެވެ. ވަރަށް ބައިވަރު ބިންތައް އެ މަޝްރޫއާ ގުޅުވައި ދޫކޮށްލާފައި އޮތް ކަމަށާއި ދައުލަތަށް ފައިދާއެއް ނެތް ވަރަށް ގެއްލުން ބޮޑު އެގްރިމަންޓެއގެ ގޮތުގައި ރައީސް ސިފަފުޅު ކުރެއްވިއެވެ.
އެ އެގރްިމަންޓް ބާތިލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުނު ހާ އަވަހަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަން ހިއްކާ އެތަނުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ގިރާވަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓްގައި 169 ހެކްޓަރު ހިއްކަން ނިންމާފައިވާ އިރު އޭގެތެރެއިން 55 ހެކްޓަރު ވަނީ ހިއްކާ ނިމިފައެވެ.
ހަމައެއާއެކު ހުޅުމާލެ ތިން ވަނަ ފިޔަވަހީ ހިއްކުމުގެ މަސައްކަތް މި އަހަަރު ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އެ ބިން ހިއްކާ ނިމުމުން އެ ތަނުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިފަޅު ހިއްކުމުގެ މަސައްކަތަށް އަލި އަޅުއްވާލަމުން ރައީސް ވިދާޅުވީ، އެ ސަރަހައްދުގައި އެންމެ ފުންކޮށް އޮތް ސަރަހައްދު އަދި ނުހިއްކާ އޮތް ނަމަވެސް ފުންތަނުން ދޭން ނިންމާފައިވާ ގޯތިތައް އެއްގަމުން މިހާރު ހިއްކާފައި އޮތް ތަނުން ގޯތި ކަނޑައަޅައި ބިން ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ގުޅިފަޅުގެ ފޭސް 1 އަދި 2 ވަނީ ހިއްކާ ނިމިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ގުޅިފަޅުން ގޯތި ދިނުމުގެ ކަންކަން ކުރިއަށް ދާ އިރު ގޯތި ނުދީ ލަސްކޮށް ލެވޭނީ ބްރިޖުގެ މަސައްކަތް ކުރާ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމަށް ފަހު ރައީސް ދެން ހާމަކުރެއްވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިސްޓް ގެ މައުލޫމާތެވެ. ރައީސް ވިދާޅުވީ، އެ ލިސްޓާ ގުޅިގެން އާންމުން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އެ ލިސްޓު ފައިނަލް ކުރުމުގެ ކަންކަން މިހާރު އަންނަނީ ކުރަމުން ކަމަށެވެ. އެ ލިސްޓް ފައިނަލް ވެގެންދާ އިރު ވީހާ ވެސް ގިނަ ބަޔަކަށް ފްލެޓް ލިބިގެން ދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.