ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ ކަމަށާއި، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށެވެ.
އެހެންކަމުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ނިންމީ ކަމުގައި ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނަކީ:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 663 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯއްޗެވެ.
ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން މި ސައިޒުތަކުގެ ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން 14 އޭޕްރީލް ވާ އާދިއްތަ ދުވަހުގެ 23:00ގެ ނިޔަލަށް ހައުސިން މިނިސްޓްރީގެ ޕޯޓަލް ލިންކް މެދުވެރިކޮށް ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ. ނަމަވެސް މި ގުރުއަތު ނަގާނެ ވަކި ތާރީހެއް މިނިސްޓްރީން އާންމު ކޮށްފައެއް ނުވެއެވެ.
ހައުސިން މިނިސްޓްރީން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަުން ހައުސިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.