ދޮގު މައުލޫމާތު ފަތުރާ 3 ވެބްސައިޓެއްގެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް ( އެމްއެމްސީ)އިން ބުނެފިއެވެ.

އެމްއެމްސީއިން ބުނީ އެ ކައުންސިލުން ބަލަމުންދަނީ މީޑިއާއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ "ދިޔަވަރު.ކޮމް"، "ކުރުސީ.ކޮމް" އަދި "ދޮންއަމާ.ކޮމް" މި ތިން ވެބްސައިޓުގެ މައްސަލަ ކަމަށެވެ. އަދި އެ 3 ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ އެމްއެމްސީއަށް ލިބެމުންދާ ކަމަށެވެ.

އެމްއެމްސީއިން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް ކަމަށް އެ ކައުންސިލުން ބުނެއެވެ. ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފު ނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް އެމްއެމްސީއިން ވަނީ ބުނެފައެވެ.

އެމްއެމްސީއިން ބުނީ ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖުތަމައަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ހަގީގަތް ސާފު ނުވާ ކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެ 3 ވެބްސައިޓްއާ ގުޅޭ ގޮތުން އެމްއެމްސީއަށް ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް އެ ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެމްސީއިން ބުނެއެވެ.

މީގެއިތުރުން މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އެމްއެމްސީގެ ގިނަ މެންބަރުން ދެކޭ ކަމަށާއި ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، ކަމާ ގުޅޭ އުސޫލެއް ހަދަން އިއްޔެ ބޭއްވި އެ ކައުންސިލްގެ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެމްއެމްސީއިން އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ހިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ގާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖުތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެ ކައުންސިލުން ވަނީ އިލްމާސްކޮށްފައެވެ.

އެފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކާ އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެމްއެމްސީއިން ވަނީ ބުނެފައެވެ.

އެމްއެމްސީގެ ގާނޫނުގެ 36 ވަނަ މާއްދާގައި މައުލޫމާތާއި ހިޔާލައި ހަބަރު ފެތުރުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ނުކޮށް ހިންގާ ވެބްސައިޓްތަކަކީ ވެސް "މީޑިއާ" ކަމުގައި ވަނީ މާނަކޮށްފައެވެ. އެހެންކަމުން އެ ފަރާތްތައް މޮނިޓާ ކުރުމަކީ އެމްއެމްސީގެ މެންޑޭޓްގެ ތެރޭގައި ހިމެނިފައި އޮތް ކަމެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.