މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލެވޭނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އެޕްލިކޭޝަނާ އެކު އިގްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެ ފަރާތެއްގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައި ވުމާއެކު، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލު ކޮށްފައިވުން ނުވަތަ މީޑިއާ ދާއިރާއިން 5 އަހަރުގެ ތަޖުރިބާ ހާސިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް ނުވުމާއި، އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ހިމެނެއެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.