މީޑިއާ ރެގިއުލޭޓް ކުރުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެ ކޮމިޝަން އުފައްދަވާފައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިއްޔެ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސް އިއްޔެ ވަނީ ތަސްދީގުކުރައްވާފައެވެ. އެ ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

އެ ގާނޫނުގައިވާ ގޮތުގެ މަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" ވަނީ އުވިފައެވެ. ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" ވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ވަނީ އުވިފައެވެ.