މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެ ކުންފުނީގެ އޮޕަރޭޝަނަށް 5 ފޯކްލިފްޓު އިތުރުކޮށްފިއެވެ.

އެމްޕީއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ރޯދަ މަހަށް ހާއްސަ ކޮށްގެން މުދާ ވީހާވެސް އަވަހަށް ތަންތަނަށް އުފުލުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަނަށް 5 ފޯކްލިފްޓު އިތުރުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުންޏަކީ ކޮންމެ އަހަރަކުވެސް ރޯދަމަހަށް ދުރާލާ ތައްޔާރީތައް ވާ ކުންފުންޏެއް ކަމަށާއި ރޯދަ މަހަކީ މުދާ އުފުލުން އިތުރުވާ މަހެއް ކަމުން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ރައްކާތެރިކަމާއެކު ކްލިއާކޮށް ވިޔަފާރިވެރިންނަށް ފަސޭހަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒުކަމަށެވެ.

މި މަސައްކަތް ކުރުމަށްޓަކައި ކޮންމެ އަހަރެއްގެވެސް ރޯދަ މަހާއި ދިމާކޮށް ކުންފުނީގެ އޮޕަރޭޝަންސްއަށް ބަދަލު ގެންނަކަން އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ. އެމްޕީއެލްއިން ބުނި ގޮތުގައި މިހާރު ގެނެސްފައިވާ 5 ފޯކްލިފްޓަކީ "ހެލް" ބްރޭންޑުގެ ފޯކްލިފްޓުތަކެއް ކަމަށެވެ. އަދި އެއީ 3.5 ޓަނުގެ 5 ފޯކްލިފްޓުކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ކުންފުނިން ބުނީ މުދާ ކްލިއާ ކުރުމުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.