އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުގައި ހިންގި ހަމަނުޖެހުމާއި މާރާމާރީއާ ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފިއެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު ކުޅުނު މި މެޗުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މިހާރު 10 މީހަކު ހައްޔަރު ކޮށްފައިވާއިރު މި މައްސަލަ ދަނީ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެގޮތުން މި މެޗުގެ 81 ވަނަ މިނެޓުގައި ކުޅުން ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުމެ ސަބަބުންނެވެ.
އާންމުވި ބައެއް ވީޑިއޯއިން ފެންނަނީ އަނަޓޮލީ ފައުލެއް ކޮށް ދާން އުޅެނިކޮށް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ގޮސް އަނަޓޮލީގެ ގައިގަައި ޖެހިގަންނަތަނެވެ. އެއާއެކު ހަމަނުޖެހުން ފެށި މާރާމާރީއަކަށް ބަދަލުވެއެވެ.
މި ހަމަނުޖެހުމުގެ ތެރެއިން މީހަކު ވަނީ ވިކްޓަރީގެ ކޯޗު ސޮބާހުގެ މޫނުމަތީ ގޮށްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލާފައެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ހިނގި މި ހަމަނުޖެހުމުގެ ސަބަބުން މެޗު އިތުރަށް ކުރިއަށް ނުގެންދެވުމާއެކު މެޗު ވަނީ ހުއްޓާލާފައެވެ.
އެ މެޗު ހުއްޓާލި އިރު 3-1 ގެ ނަތީޖާއަކުން ކުރީގައި އޮތީ ވިކްޓްރީ އެވެ. ކުޑަހެންވޭރު ޔުނައިޓެޑުން ބުނީ މެޗުގެ ބާކީ ބައި ކުޅެން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ހުއްޓާލިއިރު އޮތް ނަތީޖާއާއެކު ވިކްޓްރީ ސެމީ ފައިނަލަށް ގޮސްފައިވާ ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. ވިކްޓަރީ މިހާރު އޮތީ މުބާރާތުގެ ފައިނަލުގައެވެ.