އިއްޔެ ގދ. ގައްދުއަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަޑައިގަތުމުން ރައީސް ޔާމީނަށް ހާއްސަކޮށްގެން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބެހެއްޓި ހުސްގޮނޑި ދައްކާލައިފިއެވެ.

މި ދަތުރުގައި މިނިސްޓަރުންނަށް މަރުހަބާ ކިޔުމަށް ބަޔަކު ނުކުތީ ރައީސް ޔާމީންގެ ނަންފުޅު ޖެހި ހުސްގޮނޑި ހިފައިގެންނެވެ. އެމީހުން ބުނި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެންނެވެ.

ނިމިިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކައަށް ވާއިރު އެއީ ރައީސް މުއިއްޒުގެ ވައުދުފުޅެއްވެސް މެއެވެ. އެހެންކަމުން ރައީސް ޔާމީނު މިނިވަން ކުރުމުގެ ވައުދުގެ މަތިން މި ސަރުކާރުން ހަނދާން ނެތް ކަމަށް އެތަނަށް ދިޔަ މީހުން ވަނީ ބުނެފައެވެ.

ގދ. ގައްދޫއިން މިނިސްޓަރުން ވަޑައިގަންނަވަނީ /ފޮޓޯ: ސްކީންޝޮޓް

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު އޮތީ ފުދިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު ކަމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށާއި އެއީ ކުރީ ސަރުކާރުގެ "ހެޔޮފުޅު" ކަމުން ކުރި ކަމެއް ނޫންކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް މުއިއްޒު ވަނީ ސަރުކާރުން ޖުޑީޝަރީއަށް އަތް ނުބާނާނެ ކަމަށާއި ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު އޮތީ ފުދިފައި ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

ގދ. ގައްދޫއިން މިނިސްޓަރުން ވަޑައިގަންނަވާއިރު ޔާމީންގެ ނަންފުޅު ޖެހި ހުސް ގޮނޑި ސަޕޯޓަރަކު ދައްކަނީ /ފޮޓޯ: ސްކީންޝޮޓް

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި ގުޅުން ގޯސްވެ ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިން އާ ޕާޓީއެއް އުފެއްދަވާފައެވެ. ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ލީޑާޝިޕްގެ ބޭފުޅުން ޔާމީން އާ އެއްވެސް ކަމެއްގައި މަޝްވަރާ ކުރައްވާފައިނުވާ ކަމަށާއި އަދި ރައީސް، މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތް ފަހުން ޔާމީން ގުޅުއްވުމުން ފޯނު ވެސް ނުނަންގަވާ ކަމަށް ވިދާޅުވެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.