މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލް އާއި އެމްޕީއެލްއާ ގުޅިގެންނެވެ. އިއްޔެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބައިނަލްއަގްވާމީ ކެންސަރު ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ކެންސަރު ބަލީގެ ހޭލުންތެރިކަން އިތުރުކުވުމާއި، އެ ބަލިން ރައްކާތެރިވުމާ ގުޅޭ މައުލޫމާތުތައް ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ކެންސަރަކީ ރާއްޖޭގައި އިތުރުވަމުންދާ ބައްޔެއް ކަމަށްވާއިރު ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ ނިސްބަތުން 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށް ދާދިފަހުން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ކެންސަރު ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ / އެމްޕީއެލް

ކެންސަރު ބައްޔަކީ ހަށިގަނޑުގެ ބައެއް ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެކެވެ.

ކެންސަރު ބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުންނައިރު އެ ބައްޔަކީ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިދާނެ ބައްޔެއް ކަމަށާއި ކެންސަރުގެ ޓިއުމަރުތައް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް އެހެން ހިސާބުތަކަށްވެސް ފޯރާ ފެތުރޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި މި ބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުން ކަމަށާއި އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް ބަލީގެ ކުރީ ކޮޅުގައި ބަލި ދެނަގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ދަށްކުރެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދިނެވެ.