މޯލްޑިވިއަންގެ ޕައިލެޓަކާއި ކުރޫއިންނަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަޑިހުތުރު ބަހުން ވާހަކަދައްކާ، މަރުގެ އިންޒާރުދިން މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

ސީޕްލޭން ފްލޯޓިން ޕްލެޓްފޯމެއް މަތީ ހުރެ ޖާބިރު ވަނީ އެ ސީޕްލޭން ދުއްވި ފައިލެޓަށާއި އޭގައި މަސައްކަތްކުރަމުންދިޔަ މޯލްޑިވިއަންގެ ކްރޫއިންނަށް ނިސްބަތްކޮށް ވަރަށް ހަޑިހުތުރު ބަހުން ވަރަށް ގިނައިރުތަކެއް ވަންދެން ވާހަކަދައްކާފައެވެ. އެ ވީޑިއޯ ސޯޝަކް މީޑިއާގައި ދައުރުވަމުންދާއިރު ޖާބިރު ވަނީ އެ މީހުންނަށް މަރުގެ އިންޒާރުވެސްދީފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއްވެސް ފަސިންޖަރެއް އަދި މޯލްޑިވިއަންގެ ކުރޫއެއްގެ ސޭފްޓީއާއި ސެކިއުރިޓީ ނަގާލެވޭ ގޮތަށް އެއްވެސް އަމަލެއް ކޮށްފިނަމަ ފުރަތަމަ ފުލުހަށް ރިޕޯޓުކުރެވިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު ފުލުހާ ގުޅިގެން ތަހުގީގުކުރިއަށްގެންދާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ޖާބިރު މޯލްޑިވިއަންގެ ކްރޫއިންނަށް އިންޒާރުދެ މަންޒަރު ފެންނަ ވީޑިއޯ ސްކްރީންޝޮޓެއް

އޭނާ ވިދާޅުވީ އެ މައްސަލަ އިއްޔެ ފުލުހަށް ހުށަހެޅިގެން މިހާރު އަންނަނީ ބަލަމުން ކަމަށެވެ.

ޖާބިރަށް މޯލްޑިވިއަންގެ ސީޕްލޭން އަދި ފްލައިޓަކުން ދަތުރުނުކުރެވޭ ގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައުރުވަމުންދާއިރު އެކަމާ ގުޅިގެން މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވީ މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި ފިޔަވަޅަކާ ހިސާބަށް ދެވޭނީ ހުރިހާ ޕްރޮސެސްއެއް ފުރިހަމަކޮށްގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖާބިރަކީ މީގެ ކުރިންވެސް މިފަދަ ގޮތަކަށް މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ހަދާފައިވާ މީހަކަށްވާއިރު އެފަދަ މައްސަލައެއްގައި ޖާބިރު ވަނީ ދާދިފަހުން އެމްޑީޕީއިންވެސް ކަނޑާލާފައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވި ފަހުން ޖާބިރުގެ ޓިކެޓު އަތުލާ، އޭނާ ވަނީ އެ ޕާޓީއިން ކަނޑާލާފައެވެ.