އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއިން ފޭސްބުކް ލައިވެއްގައި އެ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމާ ވަގުތުން ސުވާލުކޮށް ޖަވާބު ހޯދޭނެ އިންތިޒާމެއް ހަމަޖައްސައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ލައިވް ކުރިއަށް ދާނީ ފެބްރުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.
ފޭސްބުކް ލައިވް ކުރިއަށްދާ ވަގުތު ކޮމެންޓު މެދުވެރިކޮށް މިނިސްޓަރާ ސުވާލު ކުރެވޭނެ ކަމަށާއި އާންމުންގެ ސުވާލުތަކަށް ޑރ. އައިޝަތު ޝިހާމް ޖަވާބު ދެއްވަމުން ގެންދަވާނޭ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މިއީ މިފަދައިން އިންތިޒާމު ކޮށްގެން އާންމުންގެ ސުވާލުތަކަށް ފޭސްބުކްގެ ޒަރީއާއިން ޖަވާބުދޭ ފުރަތަމަ ފަހަރެވެ. އަދި މިއީ ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުން އިތުރުވެ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް އެކަން ވެފައި ވަނިކޮށް ބާއްވާ ލައިވެކެވެ.
ދާދިފަހަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރައީސްގެ ޖަވާބުގެ ނަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ފޭސްބުކް ލައިވެއް ބާއްވާފައެވެ.