ސަދާގެ މަރުގެ މައްސަލަ ސަބަބެއް ނެތި ބޭރުކުރަން އުޅޭތީ ދައުލަތުގެ ވަކީލުންނަށް ކޯޓުން ނަސޭހަތްދީފިއެވެ.
އުމުރުން 6 އަހަރުގެ ޏ. ފުވައްމުލަކަށް ނިސްބަތްވާ ސަދާ ސައުދުﷲ މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 3 އޮކްޓޫބަރު 2021 ގައެވެ. ސަދާގެ މަރާ ގުޅިގެން އާއިލާއިން ތުހުމަތުކުރަނީ ސަދާ މަރުވީ ހޮސްޕިޓަލުން ނުބައި އިންޖެކްޝަނެއް ޖެހުމުންކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރުން ލަސްވެފައިވާކަށާއި އަދި އެ މައްސަލަ ހުށަހެޅީ ނުބައި ފޯމެއް މެދުވެރިކޮށް ކަމަށް ބުނެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ސިވިލް ކޯޓުން ބުނީ ސަދާގެ މަރުގެ މައްސަލަ އާއިލާއިން ހުށަހެޅީ ކުއްޖާ މަރުވިތާ ތިން އަހަރު ދުވަސް ނުވަނީސްކަމަށާއި އެ ބާވަތުގެ މައްސަލަތަކުގައި 10 އަހަރު ދުވަސް ތެރޭގައި ދައުވާ ކުރުމުގެ ފުރުސަތު މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ދައުވާ ކުރުން ލަސްވެފައިވާކަމަށް ނުބެލެވޭނެކަމަށްވެސް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.
މީގެއިތުރުން މައްސަލަ ހުށަހެޅީ ނުބައި ފޯމަކުން ކަމަށް ބުނެ ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކައަކީވެސް އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި މައްސަލަ ހެޔޮ ނިޔަތުގައި ނިންމުމަށް ކޯޓުން ވަނީ ދައުލަތަށް ނަސޭހަތް ދީފައެވެ.
މި މައްސަލަ ބެލުމަށްފަހު ހެލްތު މިނިސްޓްރީން ސަދާގެ ބައްޕަ ސައުދުﷲ އަހްމަދަށް ފޮނުވި ސިޓީއެއްގައި ބުނީ މި މައްސަލަ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބެލުމަށްފަހު، މައްސަލައިގައި ހިމެނޭ ބިދޭސީ 2 ޑޮކްޓަރުންގެ ލައިސެންސް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެކަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދޭން ތިބި ފަރާތްތަކުން، ސަދާގެ ގަޔަށް އިންޖެކްޝަން ޖެހީ، އެ މައުސޫމު ކުއްޖާގެ އެލާޖިކްގެ މައުލޫމާތު ވެސް ސާފު ނުކޮށް ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ. ސަދާގެ ހަރަކާތް ހުއްޓިގެން ތިން ފަހަރެއްގެ މަތިން، ސީޕީއާރް ވެސް ދިނެވެ.
އެހެންކަމުން ސަދާގެ މަރުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމީ އެކަމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތުމުން އެކަމުން ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރެވިދާނެ ކަމަށެވެ