ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް 3 ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުން، ސިވިލް ސާވިސް ކޮމޝަނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. ރައީސް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ:

- އަބްދުލް ހަސީބު އިސްމާއިލް - ދަފްތަރު ނަންބަރު ރސ، 7505

- ފާތިމަތު ހަބީބާ - ދަފްތަރު ނަންބަރު ރސ، 9472

- މަރިޔަމް ޝާހިދާ - މއ. ފޮރެސްޓް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ. ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ މަގާމުގެ މުއްދަތުހަމަވުމާ ގުޅިގެންނެވެ.

ސިވިލް ސަރވިސްގެ ގާނޫނުގައި ބަޔާންވެގެންވަނީ، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރަކު ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.